ރަސްމާދޫގައި ދުވަހަކުވެސް ނުހިންގާވަރަށް ފާއިތުވެދިޔަ 4 އަހަރުތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހިންގާފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރ. ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.



ރަސްމާދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަން ހިއްސާކުރައްވާފައެވެ. މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުންވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްެރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު