8 ފެބްރުއަރީގައި ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ޙާލު ދަނީ ވަރަށް ގާތުން ބަލަމުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީއާއި ޖެނީވާގައި ހުންނަ އ.ދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ޙާލު އޮޅުންފިލުވާފައިވާކަމަށެވެ. އަދި މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިންކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

މި ބިން ހެލުމާއި ގުޅިގެން މިނިސްޓްރީން އަންނަނީ ތުރުކީގެ ޙާލަތުވެސް ގާތުން ބަލަމުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިމިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400އާ ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުޞަތެއްގައި ރަޖިސްޓަރކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު