ކުރިއަށް އޮތްތަނުގައި ދުނިޔެއަށް ކުރިމަތިވެދާނެ އާލަމީވަބާ ނުވަތަ ޕެނޑަމިކްތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ބޭއްވެވި ވާޗުއަލް ކޮވިޑް-19 ގްލޯބަލް އެކްޝަން ޕްލޭން މިނިސްޓްރީއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގްލޯބަލް އެކްޝަން ޕްލޭންެ، ގެޕް އިނީޝިއޭޓިވްގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އެގޮތުން ނާޒުކު ފައްތަރުގައި އޮތް ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ގެޕް މުހިއްމު ދައުރެއް އަދާކުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައި ދުނިޔެއަށް ކުރިމަތިވެދާނެ އާލަމީވަބާ ނުވަތަ ޕެނޑަމިކްތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވެކްސިންތައް ތަރައްގިކުރުމާއި، ވެކްސިން އެންމެ މުހިއްމުވާނެ ފަރާތްތަކަށް އެ ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި.ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތައަށް ވެކްސިންދީފައިވާކަން ފާހަގަކުރައްވާ، އެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ.

އެމެރިކާގެ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ބޭއްވެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން ޑަބްލިޔޫއެޗްެއޯގެ އިސްވެރިންނާއި ބައެއް އެހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އިސް އޮފިޝަލަން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު