އަހުމަދު މަސްނޫމް   9 ފެބްރުއަރީ 2023 - 9:38
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން, އެމްޓީޑީސީން ހދ.އަތޮޅުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ތައްޔާރުވެއްޖެއެވެ.

އެމްޓީޑީސީން މިކަން އިއުލާންކުރީ އެ ކުންފުންޏަށް 15 އަހަރުވެގެން ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ އަންނަ އަހަރު 230 އެނދުގެ އާ ރިސޯޓެއް އެކުންފުނިން ތަރައްގީކުރަން ނިންމާފައިވާކަމަށެވެ.

ތަޒްމީލް ވިދާޅުވީ އަލަށް ތަރައްގީކުރާ ރިސޯޓުތަކާއެކު އެމްޓީޑީސީގެ އަމާޒަކީ އިންޑަސްޓްރީގެ އެންމެ އުހަށް ކުންފުނި ގެންދިއުން ކަމަށެވެ. އަދި އެމްޓީޑީސީއަަކީ ކުރިން ގެއްލުންވަމުން ދިޔަ ކުންފުންޏެއްނަމަވެސް މިއަދު އެ ކުންފުންޏަށް ފައިދާވަމުންދާކަމަށް ތަޒްމީލް ވިދާޅުވިއެވެ.

"މިއަދު މި ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާވާނެ ފެންވަރު ހުރި ކުންފުންޏެއް. މި ސިނާއަތުގެ އެންމެ ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ އަމާޒު،" އޭނާ ވިދާޅުވިއެވެ.

230 އެނދުގެ މިރިސޯޓްގެ އިތުރުން އެމްޓީޑީސީއަށް ސަރުކާރުން ދީފައިވާ ހދ.ނާގޯށިގައިވެސް އެކުންފުނިން ދަނީ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ.

ރާއްޖޭގެ އެންމެ އެނދު ގިނަ ރިސޯޓްގެ ގޮތުގައި ބެލެވޭ އެ ރިސޯޓް ހުޅުވާނީ 1600 އެނދާއެކުއެވެ. އަދި މިއީ ރާއްޖެގެ އެންމެ ބޮޑު ރިސޯޓަށް ވެގެންދާނެއެވެ.

މީގެ 15 އަހަރު ކުރިން އުފެއްދި އެމްޓީޑީސީއަކީ 47 އިންސައްތަ ސަރުކާރު ހިއްސާ އަދި އާއްމުންގެ 53 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު