ރާއްޖެއަށް ލިބިފައިވާ މަރުޙަބާކިޔުމުގެ މަތިވެރި ރަމްޒު ދަމަހައްޓަންޖެހޭކަމަަށާއި ވަކި ބަޔަކާމެދު ތަފާތުކުރުން ގެންގުޅުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް އޮތް ހުރަހެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ މެހެމާންދާރީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަކީ އެހެން ޤައުމުތަކަށް މަރުހަބާ ކިޔާ، އެހެން ޤައުމުތަކާއި ގުޅުން ބަދަހިކުރާ ޤައުމެއްގެ ގޮތުގައި އަބަދުވެސް އޮންނަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ މިރާއްޖެ ވާންޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާ، އެމީހުންނާއި ދޭތެރޭގައި އޯގާތެރިކަމާއިއެކު އަޅުގަނޑުމެންގެ ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް."ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އެހެން ޤައުމުތަކާއި، އެޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ދޭތެރޭ އަމަލުކުރަން މިންގަނޑުތަކާއި އުސޫލުތަކެއްވާކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް މަޝްހޫރުވެފައިވާ މަރްޙަބާ ކިޔުމުގެ މަތިވެރި ރަމްޒު، ދިވެހިރާއްޖެއިން ދަމަހައްޓަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވަކި ނަސްލެއްގެ ސަބަބުން ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވުމުގެ ސަބަބުން އެބަޔަކާމެދު ތަފާތުކުރުން ބެހެއްޓުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އޮތް ބޮޑު ހުރަހެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ޝާހިދު ވަނީ މިދިޔަ 15 އަހަރު އެކުންފުނިން ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށްކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމްޓީޑީސީގެ އައު ލޯގޯއާއި ވެބްސައިޓް ޝާހިދު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު