އަހުމަދު މަސްނޫމް   8 ފެބްރުއަރީ 2023 - 22:28
ނިމިދިޔަ ޖެނުއަރީމަހު އާސަންދައިގެ ހަރަދުތައް 4 ގުނަ އިތުރުކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް އްސަންދަ ކުންފުނިން ދޮގުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓާއި ހަވާލާދެއްވައި ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީމަހު އާސަންދަގެ ހަރަދުތައް ހަތަރު ގުނަ އިތުރުވިކަމަށެވެ.

ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި މިއީ އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ކޮށްފައިވާ ހަރަދުތަކެއްކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާސާންދައިން މީޑިއާގައި ބުނީ އެ ކުންފުނި މެދުވެރިކޮށް ހޯދާ ހިދުމަތްތަކުގެ ބިލު، ހިދުމަތްދޭ ފަރާތުން ފޮނުވުމުން ޕްރޮސެސް ކުރުމަށްފަހު ފިނޭންސަށް ފޮނުވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ.

އާސަންދައިން ފާހަގަކުރާ ގޮތުގައި ޖެނުއަރީމަހު ހަރަދު އިތުރުވީ އާސަންދަ ސްކީމުން ރައްޔިތުން ހޯދާފައިވާ ހިދުމަތްތަކަކަށް ނޫނެވެ. އަދި ރައީސް ނަޝީދު ފާހަގަކުރެއްވި ޖެނުއަރީ މަހު ހަތަރު ގުނަ ހޭދަކުރިކަމަށް ދައްކަނީ ކުލީގެ ބިލްތަކަށް ފައިސާ ދައްކާފައި އޮތުމުންކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ ޖެނުއަރީމަހު ހިދުމަތް ހޯދި މީހުންގެ އަދަދު މާބޮޑު ތަނަކުން އިތުރު ނުވާކަމަށެވެ. އަދި ކުރި ހޭދަވެސް މާބޮޑުތަން އިތުރުވެފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު