ބަންދު ދުވަސްތަކުގައި ކުޑަގިރިން ފީއެއް ނުނަގާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކުޑަގިރިން ނަގާ އަގުތަކާއިބެހޭ މައުލޫމާތު މިއަދު ހާމަކުރެއްވިީ ނާއިބު ރައީސް ކުޑަގިރިއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ކުޑަގިރިއަށް ކުރެއްވި ޒިޔާރަތުގައި ނާއިބު ރައީސް ވިދާޅުވީ ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާ ކުޑަގިރިއަށް ދަތުރުދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ނާއިބު ވިދާޅުވީ ބަންދު ދުވަސްތަކުގައި، ކުޑަގިރިއަށް ދަތުރުކުރާ ފެރީއަށް ދައްކަންޖެހޭ ފައިސާވެސް އަދި ރަށަށް އެތެރެވުމަށް ދައްކަންޖެހޭ ފީވެސް ދައްކަން ނުޖެހޭނެކަމަށެވެ.

މީގެއިތުރުން ބަންދުދުވަސްތަކުގައި ކުޑަގިރި ބޭނުންކުރެވޭނީ ދިވެހިންނަށް އެކަނިކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ މިރަށުގައި ހާއްސަ އުސޫލުތަކެއް ގާއިމްކޮށްފައިވާކަމަށެވެ..

"މިރަށުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައެޅިފައިވާނެ. ސިންގަލް ޔޫސް ޕްލާސްޓިކް މިރަށަކަށް ނޭރުވޭނެ. މިރަށަކީ އެންމެންގެ ރަށެއް. ރަށް ރީތިކޮށް ބޭއްވުން މުހިއްމު." ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރުދާ ދިވެހިން ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮޅަ އެއްބައެވެ.

ކުޑަގިރި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އެރަށް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު