ތިލަފުށިން ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ބިން ދޫކުރަން އުޅޭ މައްސަލާގައި އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒު ދެއްކެވި ވާހަކައަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އެ މަޝްރޫއުގެ ދަށުން 57 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރިނަމަވެސް ބާކީ 10 ޕަސަންޓް ބިން ވިއްކަން ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކަށެވެ.

ބޭރު ކުންފުނިތަކަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ 99 އަހަރަށް ކުއްޔަށެވެ. މި ނިންމުމާއިއެކު އެޗްޑީސީ އާއި ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވަމުންނެވެ.

އެގޮތުން އެމްއެންޕީގެ މެންބަރު ޢަބްދުﷲ ރިޔާޒު މިއަދުވަނީ ދިވެހިންނޫން ބަޔަކަށް ތިލަފުށިން ބިންވިއްކައިގެން ނުވާނެ ކަމަށާއި ބޭރުގެ ކުންފުނިތަކަށް ބިން ވިއްކުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން ރިޔާޒަށް ރައްދު ދެއްވަމުން ސައުދުﷲ ވިދާޅުވީ، ރިޔާޒުގެ އެ ވިސްނުމަކީ ކޮށި ވިސްނުމެއް ކަމަށާއި އަމިއްލަ އެދުން އިސްކުރުން ނޫންކަމެއް (ރިޔާޒުގެ) ނެތްކަމަށެވެ.

އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ހާމަކަމާއެކު އެކަން ކުރާނަމަ އެއީ މައްސަލައެއް ނޫންކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް ދޭ ބިމުގައި ކުރާ މަސައްކަތްތައް ވާންޖެހޭނީ ދިވެހި ވިޔަފާރިތަކާއި ރައްޔިތުންނަށް ފައިދާކުރަނިވި ކަމަކަށް ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރިޔާޒު ހުށައެޅި މައްސަލަ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު