ތިލަފުށިން ވިއްކާ ބިމުގެ ބޮޑުބައި ވިއްކާނީ ކޮންޓްރޯލް ކުރެވޭ އަގެއްގައި ދިވެހިންނަށްކަމަށާއި ބޭރު މީހުންނަށް ވިއްކާނީ އެތަނުގެ 10 ޕަސަންޓްކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުން ބޭރު މީހުންނަށް ބިން ވިއްކުމަށް ނިންމި ނިންމުމާއި ގުޅިގެން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާތީއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ 90 އިންސައްތަ ދޫކުރާނީ ދިވެހިންނަށްކަމަށެވެ. އަދި އެ ބިންތައް ދޫކުރާނީ ކޮންޓްރޯލް އަގުތަކެއްގައިކަމަށްވެސް އެޗްޑީސީން ބުނެއެވެ.



އެޗްޑީސީން ބުނީ ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށެެވެ. އަދި އެއީ ވިއްކާ ބިންތަކުގެ 10 އިންސައްތަކަމަށްވެސް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗުޑީސީން ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ ދިވެހި ވިޔަފާރިތަކުގެ ގޮތުގައި ހާއްސަ ކޮށްފައިވާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު