އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ކުރިއަށްދާން ބޭނުންވާ ވަޒީފާގެ ދާއިރާއަކުން ކުރިއަށް ދެވޭނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، އެޗްޑީސީއާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ޤައުމީ ފެންވަރުގައި ހުޅުވާލައިގެން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ.

މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ ހުނަރުވެރި ޒުވާނުންތަކެއް ވަޒީފާއަށް ނެރުމުގައި ހުރި ދަތިތައް ނައްތާލުންކަމަށެވެ. އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ދޭ ސެޓުފިކެޓަކީ، ވަޒީފާ ހޯދުމަށް އޮތް ފަހި ފުރުޞަތެއްކަމަށާއި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ލިބޭ ސެޓްފިކެޓުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

"އަމިއްލަޔައް މަސައްކަތް ކުރަން ވިއަސް އަދި އެހެން ދިމާއަކުން ވަޒީފާގެ ފުރުޞަތެއް ހޯދަން ކަމުގައިވިއަސް." މަހުލޫފް ވިދާޅުވިއެވެ.



މިއީ އެޗްޑީސީން ހިންގި މިފަދަ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިފަހަރު އެޗްޑީސީން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް 72 ބައިވެރިން ވަނީ ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

ޒުވާނުން ތަމްރީންކުރި ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، މޭޝަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާވެފައިވާ ޒުވާނުންނާއި، އަދި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި، އަދި ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު