ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ސްޓޫޑެންޓް ލޯނަކީ މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ލޯނެކެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދަރިވަރުންނަށް ލޯނު ދިނުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަނީ އިސްކަންދެއްވަމުންނެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެކަމަށާއި، މިއީ މިއަހަރު ލޯނަށް ހުޅުވާލާ ފުރަތަމަ ފަހަރުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޯނަށް ހުޅުވާލާނީ އިދާރީ ފީ 1 އިންސައްތައަށް ކުޑަކުރުމަށް ފަހުގައިކަމަށާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު 20 އަހަރަށް ފަސްކޮށްފައިވާކަމަށެވެ. އެހެންކަމުން މަހެއްގެ މައްޗަށް ދައްކަންޖެހޭ މިންވަރު ކުޑަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ލޯނު ފައިސާ ޖަމާކުރުމަށް ވަނީ ޓްރަސްޓް ފަންޑެއް ހަދާފަ. އަދި ކުރިއަތްއޮތްތަނުގައި ލޯނު ދެމުންދާނީ އެފަންޑުން." މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޫކުރާ ލޯނު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ވަނީ 1986 ދަރިވަރަކަށް ދޫކޮށްފައިވެއެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް 856.6 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ލޯނު ދިނުމަށް 216.1 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު