ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމަށް، ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި އެވެ.

ސީރިޔާގެ ބޯޑަރު ކައިރީގައިވާ ތުރުކީގެ ދެކުނު އިރުމަތީ ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7200 އަށް އަރާފައެވެ. އެ ބިންހެލުމުގައި އެތަށމއް ސަތޭކަ އިމާރާތެއް ބިމާ ހަމަވެ އެތައް ހާސްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ދިވެހި ރެޑް ކްރެސެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) އިން 200 މިލިއަން ސްވިސް ފްރެންކްސް (216.4 މިލިއަން ޑޮލަރު)ގެ އިމަޖެންސީ އެހީގެ އިލްތިމާސެއް ނެރެފައިވާ ކަމަށެވެ.

އެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 14އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ހުޅުވާލާފައިވާ ކަމަށް އެ ބަޔާނުގައި ދިވެހި ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.

އެހީވުމަށް ފައިސާ ފޮނުވާނީ:

ބީއެމްއެލް ނަމަ,

7701-176022-001 (ރުފިޔާ އެކައުންޓް)

7701-176022-002 (ޑޮލަރު އެކައުންޓް)

އިސްލާމިކް ބޭންކް ނަމަ،

9901-01-55500036-100 (ރުފިޔާ އެކައުންޓު)

9901-01-55500036-200 (ޑޮލަރު އެކައުންޓު)

މިއެކައުންޓް ތަކަށެވެ.

ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި އެތައް ބަޔަކުވަނީ ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އެ ގޮތުން ތުރުކީވިލާތުން އެކަނި 8،000އަށްވުރެ ގިނަ މީހުންވަނީ ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ.

އަދި 380،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ތުރުކީވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ވެއްޓިފައިވާ އިމާރަތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއް ނެތި ކުރަމުންދާއިރު މި ހާދިސާގައި މަރުވި މީހުން އަދަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ކޮންމެވެސް ގޮތަކުން ބިންހެލުންތަކުގެ އަސަރުކޮށްފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައެވެެ. ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ.

ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނު ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު