ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކިއާރާ އަދުވާނީއާއި ސިދާތު މަލޯތުރާ ކައިވެނި ކޮށްފިއެވެ.

މިފަހަކުން ތުންތުން މަތިން ދައްކަމުން އައި ވާހަކަތަކާއި އެންމެ ގަދައަށް އިވެމުން ދިޔަ މިދެތަރިންގެ ކައިވެނީގެ ގުޅުމުގެ ވާހަކަ ގިނަ ބަޔަކު އުންމީދު ކުރިގޮތަށް ހަގީގަތަކަށްވެ މިކައިވެނީގެ ޚަބަރު އާންމުކޮށްދިނީވެސް މިދެތަރިންނެވެ.

މިއަދު އޮތް މިދެތަރިންގެ ކައިވެނި ކުރިއަށް ގޮސްފައިވަނީ އިންޑިއާގެ ރާޖަސްތާނުގެ ޖައިސަލްމާރްގައި ހުންނަ ސޫރްޔަގާރހ ޕެލަސްގައެވެ. ކައިވެނީގައި ކިއާރާ އަދި ސިދާތުގެ އާއިލާ މީހުންގެ އިތުރުން ގާތް އެތައް ތަރިންނެއް ބައިވެރިވިކަމަށްވެއެވެ.

އެގޮތުން ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު، ފިލްމީ ތަރި ޝާހިދު ކަޕޫރުގެ ދެމަފިރިން، ފިލްމީ ތަރި ޖޫހީ ޗާއުލާގެ ދެމަފިރިން އަދި އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާގެ އަންހެން ދަރި، އީޝާ އަމްބާނީގެ ދެމަފިރިން ވަނީ މިކައިވެނީގެ ބައިވެރިންގެ ގޮތުގައި ފާހަގަވެފައެވެ.

ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލަމުންދާ ރީތި ޒުވާން ފިލްމީ ތަރި ސިދާތު މަލޯތުރާ ފިލްމީ ދުނިޔެއަށް ތައާރަފް ވެގެން ދިޔައީ 2012 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު 'ސްޓޫޑެންޓް އޮފް ދަ އިޔަރ' އިންނެވެ. ކިއާރާ އަދްވާނީ ފިލްމީ ދުނިޔެއަށް ތައާރަފް ވެގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު 'ފަގްލީ' އިންނެވެ.

ކިއާރާ އަދި ސިދާތު ލޯބީގެ ގޮތުން ގުޅިގެން ދިޔައީ ދެތަރިން އެކުގައި ފެނިގެންދިޔަ ހިންދީ ފިލްމު 'ޝޭރްޝާހް' ގެ މަސައްކަތުގެ ތެރެއިންނެވެ. މިފިލްމު ރިލީޒްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން