ރިޔާސީ އިންތިހާބަށް ދާއިރު ކުދިކުދި ޕާޓީތަކުން ރައްޔިތުންނަށް ކަންކަން ހުށަހަޅާނެ ކަމަށާއި އެކަމަކު އެއީ ކުރެވޭނެ ކަންކަމެއް ނޫންކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ މިހެން ވިދާޅުވީ އެމްއެންޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ނަފްސާނީ ބަލީގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

ރިޔާޒު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ ކުރިން މަޖިލީހުން ނުލިބޭ ފުރުސަތު މިހާރު އިދިކޮޅު ފަރާތްތަކަށް ލިބޭނެކަމަށާއިކޮންމެ ކަމެއް ހުށަހަޅައިގެންވެސް ބަހުސްކުރަންވީކަމަށެވެ.

"މިފަދަ ޤަރާރުތައް ހުށަހެޅުުމުންދިއުން އެއީ އުފާކުރަންޖެހޭކަމެއް. ހުރިހާ ކަމެއްގައި މިދަނީ ބަހުސްކުރަމުން، ހުރިހާ ކަމަކަށް ފަރުވާ ހޯދޭނެ ގޮތްތައް ދަނީ ހޯދަމުން. ނަފްސާނީ ދުޅަހެޔޮކަމަކީ ކުރީގެ އެއްވެސް ސަރުކާރަކުން އަޅާނުލައި އޮތްކަމެއް. ނަމަވެސް މި ސަރުކާރު އައުމަށްފަހު އިސްކަމެއް ދީގެން އެ މަސައްކަތް ދަނީ ކުރަމުން. މިއަހަރުގެ ބަޖެޓުގައިވެސް ރާއްޖޭގެ އިތުރު 5 ރަށެއްގައި މި ފަރުވާ ދިނުމަށްޓަކައި ގާއިމްކުރަންޖެހޭ ސެންޓަރުތައް ޤާއިމްކުރުމަށް ފައިސާ ވަނީ ހަމެޖެހިފައި. މި މަސައްކަތްތައް ނިމުމުން ރައްޔިތުން ބޭނުންވާ މިންވަރަށް މި މަސައްކަތްކުރެވިގެންދާނެ." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރާރަކީ މިފަދަ ޒަމާންވީ މައްސަލަަަތަކަށް ހައްލު ގެންނަމުންދާ ސަރުކާރެއްކަމަށެވެ. ނަމަވެސް ހުރިހާކަމެއް އެއްފަހަރާއެއް ނުކުރެވޭނެކަމަށާއި، ކޮންމެކަމަކަށްެވެސް ހަރަދުކޮށް ޕްލޭންކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޣަފޫރު ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ކަންކަމަކީ ކުރަންޖެހޭ މަސައްކަތެއްކަމަށް ބަލައިގެން އެ މަސައްކަތް ފެށީ މި ސަރުކާރުންކަމަށާއި އަދި އެމަސައްކަތް ކެނޑިނޭޅި ސަރުކާރުން ކުރަމުންދާކަމަށެވެ.

ޣަފޫރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ދާއިރު ކުދިކުދި ޕާޓީތަކުން ކަންކަން ހުށަހަޅާނެކަމަށާއި ނަމަވެސް އެއީ ކުރެވޭނެތީ ހުށަހަޅާ ކަންކަމެއް ނޫންކަމަށެވެ. އަދި މިއަދު ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެނީ އެމްޑީޕީންތޯ ނުވަތަ އެހެން ޕާޓީއަކުންތޯ އެއީ ރައްޔިތުން ބަލަންޖެހޭކަމެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު