ރާއްޖޭގެ މައި ބަނދަރު ނުވަތަ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ މައި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ، މާލެ ސަރަޙައްދާއި މުޅި ރާއްޖެއަށް އޭގެ މަންފާ ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޕޯޓުގެ ބޭނުމަށް އިތުރަށް ބޭނުންވާ ބިން، ފަހުން އިތުރުކޮށްފައިވާ ބިމާ ގުޅައިލުމުގެ އަމަލީ މަސައްކަތް މިހާރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭ މީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ. ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ. ބްރިޖް މަޝްރޫއަކީ މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.



ކިޔުންތެރިންގެ ހިޔާލު