މާލޭގެ މަގެއް؛ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އަންގާފައި
މާލޭގެ މަގެއް؛ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އަންގާފައި
މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ އަދި އަޅަމުންދާ ހަރުދަނާ ފިޔަވަޅު ތަކަކީ ގިނަ ބަޔަކު ތަޢުރީފު ކުރަމުން ގެންދާ ފިޔަވަޅު ތަކެކެވެ. އަދި ދުނިޔޭގެ ފެންވަރުގައި ވެސް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބަލައިގަންނަ ފިޔަވަޅު ތަކެކެވެ.

އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ބައްޔަށް ޓެސްޓް ކުރުމާއި ބަލި ފެތުރެމުންދާ ޤައުމުތަކުން މީހުން އައުން މަނާކުރުމެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހީން ގޭގައި އަމިއްލައަށް އެކަހެރި ކުރުމެވެ. އެއަށްފަހު ބައްޔަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރުން އިތުރު ކުރުމެވެ. ދުނިޔޭގައި ބަލީގެ ހާލަތު ގޯސްވި ވަރަކަށް ރާއްޖޭގެ ފިޔަވަޅުތައް ދިޔައީ ވަރުގަދަ ކުރަމުންނެވެ. މިހާރު ހުރިހާ ރިޒޯޓްތައްވެސް އެއޮތީ ލޮކްޑައުން ކޮށްފައެވެ. ރާއްޖެއިން ބޭރުން އަންނަ އެންމެން ދާން ޖެހެނީ 14 ދުވަހުގެ ކަރަންޓީނަށެވެ. ރައްޔިތުން އަމިއްލައަށް އެކަހެރި ވުމަށް ނަސޭހަތްތެރިވަނީއެވެ. ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް ބަންދެވެ. އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގއަށް އަމަލުކުރާން އަބަދު ނަސޭހަތްތެރިވަނީއެވެ.

ދެން އޮތީ ފިހާރަތައް ބަންދުކުރުމެވެ. ކޮންމެ ގެއެއްގެ ދޮރޯށި ކައިރީގައި ފުލުހަކު ނޫނީ ސިފައިންގެ މީހަކު ހަތިޔާރު އަޅައިގެން ހުރެ މީހުން ގެއިން ނުކުތަ ނުދީ ފާރަވެރި ވުމެވެ. މަގުމަތީގައި އެއްވެސް އުޅަނދެއް ދުއްވިޔަ ނުދިނުމެވެ. ދަނޑިބުރި ހިފައިގެން މަގުމައްޗަށް ނުކުމެ މަގުތަކުން މީހުން ހުސްކުރުމެވެ.

މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރާއްޖެ ލޮކްޑައުން ނުކޮށްގެން އެކަމާ ދެކޮޅަށް ދެކެވޭ ވާހަކައެވެ. މިދެންނެވި ފަދަ ފަރާތްތަކުން ޤައުމު ލޮކްޑައުން ކުރަން ގޮވާލާއިރު ގިނަ މީހުން ތިބެނީ މަގުމަތީގައެވެ. ފިނި ބުރު ޖަހާށެވެ. ކެފޭތައް ބަންދު ކުރުމުގެ ކުރިން ލޮކްޑައުން ކުރަން ގޮވީ އެތަން ތާނގައި ތިބެގެން ސޯޝަލް މީޑިޔާއިންނެވެ.

އެވެރިން ގަބޫލުކުރާ ގޮތުގައި ލޮކްޑައުން ކުރުމަކީ ހަމައެކަނި ރާއްޖެއަށް މީހުން އެތެރެވާ ދޮރުތައް ބަންދުކުރުމެވެ. ރާއްޖޭގެ ސަރަހައްދީ ރޮނގުތައް ބަންދު ކުރުމެވެ. އެކަން ކުރީމާ ރާއްޖެއާއި ބޭރު ދުނިޔެއާއި ދަތުރުފަތުރުގެ ގޮތުން މުޅިން ގުޅުން ކެނޑުނީއެވެ. ބޭރިން ވަންނަ ހުރިހާ ދޮރެއް ބަންދުވީއެވެ.

އެއީ ކޮށްލާކަން މާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ހަގީގީ ލޮކްޑައުންގެ މާނައަކީ ބޯޑަރު ބަންދުކޮށް މުޅި ޤައުމުވެސް ބަންދުކޮށްލުމެވެ. އޭރުން ރައްޔިތުން ވެސް ތިބެންޖެހޭނީ ގޭ ބަންދުގައެވެ. ފިހާރަތަކާއި އޮފީސްތައް ބަންދުވީއެވެ. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ނޫން އެހެން ހުރިހާ ކަމެއް ބަންދުވެ ރައްޔިތުން މަގުމައްޗަށް ނުކުމެ ހެލިފެލިވެ އުޅުން މަނާވީއެވެ. ހަގީގީ ލޮކްޑައުން އަކީ ކާފިއުއެއް ހިންގުމެވެ.

މިހާތަނުން އުފެދޭ ސުވާލަކީ ޤައުމު ލޮކްޑައުން ކުރީމާ ރައްޔިތުން ގޭގައި ތިބޭނެ ކަމާމެދު އުފެދޭ ސުވާލެވެ. ރައްޔިތުންނަށް ގޭގައި ތިބެވޭނީ ކިހާ ދުވަހަކުތޯ ކުރެވޭ ސުވާލެވެ. ލޮކްޑައުން ކުރަން ނިންމީމާ ފައިސާކޮޅު ހުރި މީހުން ނުކުމެ ފިހާރަތައް ހުސްކޮށްލައިގެން ހުރިއެއްޗެއް ފޮރުވީމާ ގަނޑުކޮށް މުދާ ގަންނަ ފެންވަރު ނެތް މީހުން ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެ ރައްޔިތުންނަށް ސަރުކާރުން ކާން ދެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ ޤައުމުތަކަކުން އަޅަމުންދާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ނުވަތަ މިހާރު އެންމެ އަވަހަށް އަޅާ ފިޔަވަޅަކީ ޤައުމު ލޮކްޑައުންކޮށްލުމެވެ. އެއްވެސް މަގަކުން ޤައުމަށް އެތެރެވުމާއި ބޭރުވުން ބަންދު ކުރުމެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި އެފިޔަވަޅު އަޅާފައި އޮންނަތާ ހަފުތާތަކެއް ވެއްޖެއެވެ. އެޤައުމުތަކުގެ ރައްޔިތުން ކިޔަމަންތެރިކަމާއެކު އެތިބީ ގޭގައެވެ. އެކަމަކު އެޤައުމުތަކަށް ވަނތް އެއްޗެއް ވަނތް ގޮތަކަށް އަދި ހަމަ ނުނުކުމެއެވެ. އަދި ހަމަ ފަތުއަޑުކިޔާފައި އެހެރެގެން ފެތުރެނީއެވެ.

ދިވެހި ރާއްޖެ ލޮކްޑައުން ކޮށްފީމޭ ވިދާޅުވުމަކީ ޤައުމުގެ ވެރިމީހާގެ ދޫމައްޗަށް މާ ބުރަ ބަހެއްނޫނެވެ. ހަމަ މިހިނދުންވެސް ކުރެވިދާނެ ކަމެކެވެ. އޭރުން ޤައުމަށް ވަންނަ ހުރިހާ ދޮރެއް ބަންދުކޮށްލެވުނީއެވެ. އެކަމަކު ރައްޔިތުން ގޭގައި ނުތިބެންޏާ ލޮކްޑައުންވާނީ ޤައުމަށް ބޭރުން ވަންނަ ދޮރާށިތައް އެކަންޏެވެ. ރައްޔިތުން ތިބޭނީ ފިނިބުރު ޖަހާން މަގުމަތީގައެވެ.

ތެދެކެވެ. މިސަރަހައްދުގެ ގިނަ ޤައުމުތަކުން މިވަނީ އެފިޔަވަޅު އަޅާފައެވެ. އެންމެ އަވަށްޓެރި ލަންކާގައި ލޮކްޑައުން ކޮށްގެން ރައްޔިތުން އެތިބީ ގޭގައެވެ. ޒަރޫރީ ބޭނުމެއްގައިވެސް ބޭރަށް ދެވެނީ ހުއްދަ ކުރާ ކުޑަ ވަގުތު ކޮޅަކަށެވެ. އަވަށްޓެރި އިންޑިއާ ރެއިން ފެށިގެން އެއޮތީ ތަޅުލައި ކާފިއު ހިންގާފައެވެ. މި ދެޤައުމާއި ރާއްޖެއާއިވެސް ތަފާތު އެބަހުއްޓެވެ. އެދެޤައުމަކީވެސް ރައްޔިތުންނަށް ބޭނުންވާ ކާނާ ހޯދަން ނުވަތަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި ހޯދަން ޤައުމުން ބޭރަށް ނުދިޔަޔަސް ފުއްދާލެވޭ ވަރަށް ވަސީލަތްތައް ހުރި ގައުމުތަކެވެ.

އެކަމަކު އަވަށްޓެރި ޕާކިސްތާނުގެ ވިސްނުން މިކަމުގައި ތަފާތެވެ. އެމީހުން ޤަބޫލުކުރަނީ އެމީހުންގެ ހާލަތާއި މިސަރަހައްދުގެ އެހެން ޤައުމުތަކާއި ތަފާތު ކަމަށެވެ. އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވަނީ ޤައުމު ލޮކްޑައުންކޮށް ކާފިއު ހިންގައިގެން ރައްޔިތުން ގޭގައި ތަޅުލައިފިނަމަ އެޤައުމުގެ އާބާދީގެ ތެރެއިން ދެއިރު ހަމަޔަށް ކާން ނުލިބޭ އާބާދީގެ 25 އިންސައްތަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށެވެ. ރިކްޝާ ދުއްވާ މީހުންނާއި ޓެކްސީ ކުރާ މީހުންނާއި ކަންމަތީ ފިހާރަތަކުގެ އާމްދަނީއަށް ބަރޯސާވެގެން ތިބި މީހުން ބަނޑަށް ޖެހިގެން މާބޮޑު މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ 25 އިންސައްތަ މީހުން ގޭގައި ބަންދުކޮށްގެން އެމީހުން ބަލަހައްޓާނެ ފަންވަރެއް އެޤައުމުގެ އިޤުތިޞާދުގެ މައިވަދައިގައި ނެތްކަމުގައި ބޮޑުވަޒީރު ވިދާޅުވެއެވެ.

އެހެންވީމާ ޕާކިސްތާނުގެ ސިޔާސަތަކީ ބަލިން ރައްކާތެރި ވުމަށް ރައްޔިތުންލައްވާ ފަރުދީ ޒިންމާ އަދާކުރުވުމެވެ. ޞިއްޙީ ފަރުވާ ހަރުދަނާކޮށް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރު ކުރުމެވެ. އަލަށް އުފަންވި ކޮރޯނާ ވައިރަސްއާއެކު ދިރިއުޅެން ދަސްކޮށްދިނުމާއި ފަރިތަކޮށްދިނުމެވެ. ރައްޔިތުން ހޭލުންތެރި ކުރުމެވެ.

ޕާކިސްތާނުގެ ސިޔާސަތާއި ޗައިނާގެ ސިޔާސަތާއި އިންޑިޔާއާއި ސިންގަޕޫރާއި އެމެރިކާއާއި އިނގިރޭސި ވިލާތުން މިކަމުގައި ގެންގުޅޭ ސިޔާސަތު ތަކުގައިވެސް ތަފާތު އެބަހުއްޓެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ބަލިން ރައްޔިތުން ރައްކާތެރި ކުރުމެވެ. ބަލި ފެތުރަ ނުދިނުމަށް މަސައްކަތް ކުރުމެވެ.

ކޮރޯނާ ވައިރަހުން މިފަހަރު މި ފެތުރޭން ފެށި ކޯވިޑް-19 އަކީ މުޅިން އަލަށް ދުނިޔެއަށް އުފަންވި ބައްޔެކެވެ. ދުނިޔެއަށް އުފަންވާ މިފަދަ ކޮންމެ ބައްޔެއްވެސް ކޮންޓްރޯލް ވަނީ ނުވަތަ ބަލީގެ މައްޗަށް ގަދަވެ ގަނެވެނީ އެކަމަށް ބޭހެއް އުފެއްދިގެންނެވެ. ޚާއްޞަކޮށް މިފަދަ ރޯގާބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރަނީ ވެކްސިނެވެ. ބައްޔަކަށް ވެކްސިނެއް އުފެއްދުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ދުނިޔެއަށް އުފަންވެފައިވާ މިފަދަ ބަލިތަކްށް ވެކްސިން އުފައްދާން އެތައް އަހަރުތަކެއް ނަގައެވެ. ޞިއްހީ މާހިރުން ލަފާ ކުރަނީ ކޯވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެންމެ އަވަސް ވެގެންވެސް އަހަރެއްވަރު ނަގާނެ ކަމަށެވެ. ރަނގަޅު ސައިންސް ވެރިންނަށް މި މުއްދަތުވެސް ކުރެވެ.

ބޮޑެތި ޤައުމުތަކުގެ ޞިއްހީ މާހިރުން، ސައިންވެރިން ރެއާއި ދުވާލު މަސައްކަތް ކުރަމުން އެގެންދަނީ މިބައްޔަށް ވެކްސިނެއް އުފެއްދޭތޯއެވެ. ޤައުމުތަކުގެ ރައީސުން، ވެރިން އެތިބީ މިދެންނެވި ސައިންސް ވެރީން އެމީހުންގެ އޮފީސްތަކަށް ވައްދައި ތަޅުލައިގެން، ފުލުގައި ވިއްދައިގެންނެވެ. ގަދަކަމުން ވެސް އެކަން އެމީހުން ލައްވާ ކުރެވޭތޯއެވެ.

ކުރިން އުފައްދާފައި ހުރި އެކި ކަހަލަ ބޭސްތައް އެދަނީ ރެއާ ދުވާލު ޓެސްޓްކޮށް އަޖުމަ ބަލަމުންނެވެ. ވެކްސިން އުފެއްދުމުގެ ވާދަވެރި ރޭހުގައި ނުކުމެ އުޅޭ ބައެއް މީހުން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރަނީއެވެ. އެކަމަކު އެއީ އައްޑަށް އިރުން ނުވަތަ އައްޑުވަހަކުން ނޫނީ ފޮއި ދުވަހުން ނަތީޖާއާއި ހާމައަށް ވާސިލުވެވޭނެ ކަމެއް ނޫނެވެ. އެކަމަށް މަސްތަކެއް ނަގާނެއެވެ.

މިހެން އޮތް ކަމެއްގައި ދިވެހިރާއްޖެ ބަންދުކޮށްގެން ތިބެވޭނީ ކިހާ ދުވަހަކު ކަމާއިމެދު ކޮންމެވެސް ވަރަކަށް ވިސްނާ ފިކުރުކޮށްލަން ފެނެއެވެ. މިދަންނަވަނީ ޤައުމު ލޮކްޑައުން ކުރަން ޖެހޭ ހާލަތުގައި ކަންކަން އޮތް ކަމަށް ކަމާބެހޭ މާހިރުންނަށް ފެނިވަޑައިގަންނަވަންޏާ އެކަން ނުކުރާށެކޭ ނޫނެވެ. އެކަމަކު އެފަދަ ކަމެއް ކުރާއިރު ނުވަތަ އެފަދަ ފިޔަވަޅެއް ކުރިއަށް އަޅާއިރު ޤައުމުގެ އިޤްތިޞާދުގެ މައިނާރުގައި އެވަރު ހުރިތޯ ބަލަން ޖެހެއެވެ. ބަންދުކޮށްގެން ނުކުންނާނެ ނަތީޖާތަކެއްގެ ހިސާބު ވަރަށް ރަނގަޅަށް ޖަހަން ޖެހެއެވެ. ފައިދާއާއި ގެއްލުން ބަލާކަށް ނޫނެވެ. އެކަމުން ނުކުންނާނެ ނަތީޖާ ވަޒަން ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


14

މޫސަ

27-Mar-2020

ގަވައިދައް ބޯނުލަބާނަމަ އަމުރައް ނުކިޔަމަން ތެރި ކަމައް ބަލާ ފިޔަވަޅު އެޅޭނެ. ތަންފީޒީ އިދާރާތައް ޒިންމާދާރު ކުރުވަން ޖެހޭ.


40

ހެޔޮ

26-Mar-2020

ނުވާނެ މައިތިރި އެއް އޭގެން މީހަކަށް ނުވަތަ އޭގެން މީހަކު ލޯބިވާ މީހަކަށް ޖެހުނީމަ އިގޭނީ ކިހާވަރެއްގެ ކަމެއްކަން.އޭރުން ގޯސް ވާނީ ސަރުކާރު.ދިވެހިންނަކަށް ނުވިސްނޭނެ...


6

ޗައިވާލާ

26-Mar-2020

ތަޅާރޯނާ ގަންނަވާލީމަ ނުތިބެ ކޮންތާކައް ދާނީ.



ޓްރެންޑިން