މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ އަދަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅިކަމަށެވެ. އަދި ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅިކަމަށާއި މި ފޯމުތަކުގެ ސައްޙަކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރާނެކަމަށެވެ. އަދި މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތީގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ." ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރައްޔިތުން އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދެވެެ. މިހާތަނަށް އައިއިރު އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ނިމި އެތަންތަނުގައި ވަނީ ދިރިއުޅެން ފަށާފައެވެ



ކިޔުންތެރިންގެ ހިޔާލު