އަހުމަދު މަސްނޫމް   5 ފެބްރުއަރީ 2023 - 15:6
ހިޔާ ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމާއި ގުޅޭ އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

މި އެއްބަސްވުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށްޓަކައި ގާއިމްކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.



މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައިކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗް.ޑީ.ސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު