ބީއެމްއެލްގެ ހުރިހާ މުވައްޒަފުންނާއި ޑިރެކްޓަރުންގެ މުސާރައިގެ ތަފްސީލް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބީއެމްއެލްއަށް އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލައަކީ ބީއެމްއެލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ބޭންކުގެ ބޯޑު އޮފް ޑިރެކްޓާސް ސީނިއާ މެނޭޖްމަންޓް ސްޓާފުންނާއި، އައިލެންޑް އެވިއޭޝަން ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެން ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.

އަހުމަދު އައިމަން ނަމަކަށް ކިޔާ މީހަކު މި މައުލޫމާތު ހޯދުމަށް ބީއެމްއެލްއަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިނުމުން އޭނާ ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް މި މައްސަލަ ހުށަހެޅުމުން އެ އޮފީހުން ވެސް ވަނީ އައިމަން އެދުނު މައުލޫމާތު ހާމަކުރަން ބީއެމްއެލްއަށް އަންގާފައެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންގުން ބީއެމްއެލުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ބީއެމްއެލުން މި މައްސަލައިގައި ބުނަނީ އެ ބޭންކަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް ލާޒިމްކޮށްފައިވާ ދައުލަތުގެ އިދާރާއެއް ނޫންކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

3 ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ބުނީ ބީއެމްއެލްގެ މުސާރަ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ބާތިލްކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ހުކުމްގައިވާ ގޮތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ހޯދަން އެދުނު މައުލޫމާތުތަކަކީ ދޫނުކުރެވޭނެ މައުލޫމާތުތަކެއް ނޫންކަމަށްވެސްވެއެވެ.



ކިޔުންތެރިންގެ ހިޔާލު