މާލޭގެ މަގުތަކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ނެރުނު އުސޫލުން އާއްމުންނަށް ތަކުލީފެއް ކުރިމަތިނުވާނެކަމަށް ބުނެ މާލެ މޭޔަރު ޓްވީޓެއް ކުރެއްވި ނަމަވެސް މައްސަލަ ހައްލު ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސިޓީ ކައުންސިލުން އެކުލަވާލި އުސޫލާއި ގުޅޭގޮތުން އެލްޖީއޭއާއެކު ކުންފުނިތަކުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މަގުތައް ކޮނެގެން އެކިއެކި މަސައްކަތްކުރާ ކުންފުނިތަކުން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އާއްމުން މާލީ ބުރައެއް އުފުލަންޖެހޭ އުސޫލެއް ކައުންސިލަށް ހެދޭނީ އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހުކަމަށެވެ. ނަމަވެސް ކައުންސިލުން އެގޮތަށް އަމަލުކޮށްފައި ނުވާކަން ޝަރީފް ފާހަގަކުރެއްވިއެެވެ.

ޝަރީފް ވިދާޅުވީ މި އުސޫލުގެ ދަށުން އާއްމު ރައްޔިތުންނަށް ދޭ ހިދުމަތްތަކުން އަގު ނުނަގާނެކަމަށް ސިޓީ ކައުންސިލުން ބުނިނަމަވެސް އެއީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސަބަބަކީ މީގައި ވަރަށް ސަރީހަ ޢިބާރާތުން އެބައޮވޭ ނަރު ވަޅުލުމާއި ފެން ހޮޅި ވަޅުލުމާއި އެ ހުރިހާ ކަންތައްތައް. ކުންފުނިތަކުން ކުރާ މަސައްކަތް އެބައޮތް ހިމަނާފައި. އެހެންވީމަ މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލަކީ ކުންފުނިތަކުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް މަގުފަހިކޮށްދޭން އޮންނަ ތަނަކަށްވާއިރު، ކައުންސިލްގެ ފަރާތުން ޖެއްސުން ކުރުމުގެ އަމަލުތައް ފެނިގެން ނުވާނެކަމަށެވެ. އަދި ސިޓީ ކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރުކަމަށާއި ދެބައެއްގެ އަރާރުމާއި ހެދި އާއްމުންނަށް އުނދަގޫ ވެގެން ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުގެ އުސޫލުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫނުވާނެކަމަށް ބުނެ މޭޔަރ ޓްވީޓެއްކޮށްލުމުން ނުފުދޭކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރާ ގޮތެއް އާއްމުކޮށް އިއުލާން ކުރަންޖެހޭކަމަށާއި، އޭރުން މައްސަލަ ހައްލުވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު