އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ކަމަށް އެކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ކޮން ބޭފުޅަކަށްތޯ ވިދާޅުވެ ދީނީ އިލްމްވެރިޔާ އަލީ ޒައިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. އެ ސުވާލަަށް ޖަވާބު ދެއްވަމުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ކަމަށެވެ. އަދި އެކަން ސާފު ވެއްޖެތޯ ޒައިދުގެ އަރިހުން ޝަހީމް ވަނީ ސުވާލު ކުރަށްވާފައެވެ.



އޭގެ ފަހުން ޒައިދު ވިދާޅުވީ އޭނާގެ ސުވާލުގެ މުރާދަކީ ރައީސް ޔާމިނަށް ކުރިމަތިނުލެވޭ ފަދަ ހާލަތެއްގައި އެޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ކޮންބޭފުޅަކަށްތޯ ކަމަށެވެ. އެ ސުވާލަށް ޝަހީމް އަދި ޖަވާބު ދެއްވާފައެއް ނުވެއެވެ.

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމިން ކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ކޮރަޕްޝަނާއި މަނީ ލައުންޑްރިންގެ ކުށް ސާބިތުވެ ޔާމިން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަށްވަމުންނެވެ. އަދިވެސް ކުރިއަށް އެމަނިކުފާނަށް އިތުރު ދައުވާތަކެއް ހުރުމާއެކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު