އިދިކޮޅު ޕީޕިއެމް އަށް ޖެހޭނީ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިން ނޫން ބޭފުޅަކަށް ނުދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމާއި ގުޅިގެންނެެވެ. އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ދުއްޕާން" ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، އެ ޕާޓީގެ ރައީސް ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށެވެ.

އެކަމާ ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ޔާމިން ނޫން ބޭފުޅަކަށް ޓިކެޓް ނުލިބޭނެ ކަމަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެންމެ ފަހު ވަގުތު ޖެހޭނީ ޔާމިން ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ކަމަށެވެ. އަދި ޕީޕިއެމް އިން އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެން އެ ޕާޓީއެެއްގެ ކެންޑިޑޭޓެއްގެ ފަހަތަށް އެރުމަކީ ފަހަރުގައި ވެދާނެ ގޮތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.



"ފަހަރެއްގައި ވެދާނެ އެހެން ޕާޓީއަކާއި ކޯލިޝަން ހަދައިގެން އެ ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތަށް އަރާނީ ކަމަށް ވިޔަސް އެވެސް ދެން ގޮތެއްތާ؟" ޝަރީފު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ކޮރަޕްޝަނާއި މަނީ ލައުންޑްރިންގެ ކުށް ސާބިތުވެ ޔާމިން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަށްވަމުންނެވެ. އަދިވެސް ކުރިއަށް އިތުރު ދައުވާތަކެއް ހުރުމާއެކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ޔާމިންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް ނިއްމައިފައިވާއިރު، އަދިވެސް އެމައްސަލަ އިސްތިއުނާފަށް ހުށައަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު