ކުރީގެ ރައީސް ޔާމިން ޖަލުން ނުކުމެވަޑައިގަންނަވަންދެން އިތުރު އެއްވެސް ބޭފުޅަކަށް މައިކް ނުދީ މައިކްގައި ހިއްޕަވައިގެން ހުންނެވުމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިހާރު އިސްކޮށް ހުންނެވި އަބްދުއްރަހީމް ގެ އަރިހުން އެދިވަޑައިގެންފިއެވެ.

އާޓިފިޝަލް ބީޗުގައި އިދިކޮޅު ކޯލިޝަނުން "ދުއްޕާން" މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ކޯލިޝަން އޮތީ ވަރަށް ސާބިތުކަމާއެކު އަބްދުއްރަހީމްގެ ފަހަތްޕުޅުގައި ކަމަށެވެެ. ސައީދު ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ރައީސް ޔާމިނަށް ކަމަށެވެ. އެމަނިކުފާނު ނޫން ބޭފުޅަކަށް އެޕާޓީގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"ދޫންޏަކަށް، ބާޖެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް. ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވި އެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓާލާނީ އެ ޕޯޑިއަމް އަދި ރާއްޖޭގެ ވެރިކަމަށް ޔާމިން ގެނައުމަށް ފަހު ކަމަށެވެ. ސައީދު ވިދާޅުވީ 2013 ވަނަ އަހަރު ޔާމިން ވެރިކަމަށް ވަޑައިގެންނެވިއިރު ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 5،000 ޑޮލަރުގައި ކަމަށެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ އަދަދު 12،000 ޑޮލަރަށް އިތުރުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ކޮރަޕްޝަނާއި މަނީ ލައުންޑްރިންގެ ކުށް ސާބިތުވެ ޔާމިން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަށްވަމުންނެވެ. އަދިވެސް ކުރިއަށް އިތުރު ދައުވާތަކެއް ހުރުމާއެކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު