އިބްރާހިމް ފަހީމް   4 ފެބްރުއަރީ 2023 - 22:21
ކޮވިޑް19 ގެ ސަބަބުން 2020 ވަނަ އަހަރު ބަންދުކުރުމަށްފަހު މަރާމާތުތަކެއް ކުރުމަށް ބަންދުކޮށްފައިވާ ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިނަމާ، އޮލީމްޕަސް ޒަމާނީ ވަސީލަތްތަކާއެކު މިރޭ ހުޅުވައިފިއެވެ.

މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އޮލިމްޕަސް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މުނޫ މަހާވަރުގެ އިތުރުން ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ ވަޒީރުންނާއި ފިލްމީ ދާއިރާގައި ކުރީއްސުރެ މަސައްކަތް ކުރައްވާފައިވާ ގިނަ ބަޔަކުވަނީ ބައިވެރިވެފައެވެ.

މިރޭގެ ހަފްލާގައި ތަފާތު އެކި ފަންނުވެރިން ވަނީ އެކި އައިޓަމްތައް ހުށަހަޅައިދީފައެވެ.

އޮލީމްޕަސް ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް 3 އަހަރު ވާން ކައިރިވެފައިވަނިކޮށް މިރޭ އެތަން ހުޅުވިއިރު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަބަޔަކު ދިޔައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަ ގޮތެއްގައި އެ މަސައްކަތް ކުރިއަށްދާ ސްޕީޑާއި ގުޅިގެން ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒު ވިއެވެ.

މި ހޭދަވި ދުވަސްތަކުގައި ސަރުކާރުން ދިޔައީ އެތަން ހުޅުވަން އެކިފަހަރުމަތިން އެކި ތާރީހުތައް ދެމުންނެވެ. ލަސްވި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ ދަތިތަކެއް ކުރިމަތިވަނީ ކަމަށެވެ.

ދިގު މުއްދަތަކަށްފަހު އޮލިމްޕަސް ހުޅުވާފައި މިވަނީ ޒަމާނީ އެކި ވަސީލަތްތަކާއެކުއެވެ. އެގޮތުން މިހާރު އެތަނުގައި ގާއިމުކޮށްފައިވާ ސައުންޑާއި ލައިޓިންގ އަދި ޕްރޮޖެކްޓަރުފަދަ ތަކެއްޗަކީ އެންމެފަހުގެ ޓެކްނޮލޮޖީގެ ތަކެތިކަމަށް އެތަން ބަލަހައްޓާ އެންސީއޭއިން ބުނެއެވެ. އޮލީމްޕަސް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ ޕްރޮޖެކްޓެކެވެ.

މިދިޔަ މުއްދަތުގެ ތެރޭގައި މުޅިން މަސައްކަތް ނިންމާލައި ސިނަމާގައި އަޅުވަން ތައްޔާރުކޮށްފައި އޮތް 7 ވަރަކަށް ފިލްމު އެބަ އޮތެވެ. އޭގެ ތެރޭގައި ޑާކްރެއިން އެންޓަޓެއިންމެންޓުގެ ބަޅިނދު، ނޮވެމްބަރު، ހިނދުކޮޅެއް، ގެ އިތުރުން ބީވީމާ ހިމެނެ އެވެ. އަދި އައިފިލްމްސްގެ ނީނާ އާއި ސީޒަންގެ ލޯބިވެވިއްޖެ، ގެ އިތުރުން ނިއުމާ މުހައްމަދުގެ ކަޅަކި ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު