ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝަމްއާ އިބްރާހީމަށް ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ ދިނުމުގައި އަމަލުކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށާއި އިދާރާގެ އަގުވެއްޓޭގޮތަށް ޝަމްއާ މަސައްކަތް ކުރައްވާފައިވާތީ އެކަމާ ހިތާމަ ކުރާކަމަށް ޓްރައިބިއުނަލުން ބުނެފިއެވެ.

ޓްރައިބިއުނަލްގެ މެންބަރުންނަށް ވިހެއުމާއި ގުޅިގެން ދޭން ހަމަޖައްސާފައިވާ 2 މަސް ދުވަހުގެ ޗުއްޓީ އިތުރުކުރަން އެދުމުން ޝަމްއާއަށް އެކަން ހަމަޖައްސައި ނުދިންކަމަށް ވިދާޅުވެ އޭނާ ބުރާސްފަތި ދުވަހު ވަޒީފާއަށް ނުކުންނެވީ ދެ މަހުގެ ފިރިހެން ދަރިފުޅު ގޮވައިގެނެވެ. އަދި ވަޒީފާ އަދާކުރުމުގައި ދިމާވާ މައްސަލަތަކުގައި ހައްގު ހޯދައިދޭން ތިބި އެ ޓްރައިބިއުނަލުން އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ ނޫސްތަކަށް ވެސް ވަނީ އިންޓަވިއު ދެއްވާފައެވެ.

އެ މައްސަލާގައި މިއަދު ޓްރައިބިއުނަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝަމްއާއަށް އެކަމުގައި ދެވެން އޮތް ހުރިހާ ލުޔެއް ދިނުމަށް މަސައްކަތް ކޮށްފައިވާނޭ ކަމަށެވެ. އަދި އެ އޮފީހަކީ މިނިވަން މުއައްސަސާއެއްކަމުން، ވިހެއުމާއި ގުޅިގެން 6 މަސްދުވަހުގެ ޗުއްޓީއެއް ޓްރައިބިއުނަލްގެ މެންބަރުންނަށް ލިބޭގޮތަށް ވަޒީފާއާއިބެހޭ ގާނޫނުގައި ނޯންނާތީ، އެކަމުގައި އަމަލުކުރާނެ ގޮތެއް މެންބަރުންގެ މެދުގައި ނިންމާފައިވާކަމަށެވެ.

އެގޮތުން، ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ވިހެއުމާއި ގުޅިގެން މެންބަރުންނަށް ލިބޭ 60 ދުވަހުގެ ޗުއްޓީ، ޓްރައިބިއުނަލްގެ މަސައްކަތްތަކަށް ދަތިނުވާނޭގޮތަށް ނެގުމަށް ޝަމްއާވެސް ސޮއި ކޮށްގެން ނިންމި ނިންމުމުގައި އޮންނާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ވިހެއުމާއި ގުޅިގެން ޝަމްއާއަށް ލިބުނު 2 މަސް ނިމުމުން އޭނާ ބޭނުންވީ އަދިވެސް ދަރިފުޅުގެ ކަންކަމުގައި އުޅެންޖެހޭތީ ޗުއްޓީ އިތުރު ކޮށްދިނުމަށެވެ. ނަމަވެސް، ބަޔާނުގައި ބުނީ، އެކަން އެގޮތަށް ހަމަޖައްސައިދެވެން ނޯންނަކަން ޝަމްއާއަށް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިވެސް، އޭނާގެ ދެން އޮތް އިތުރު އެހެން ޗުއްޓީއަކަށް އެދިވަޑައިގެންފައި ނުވާކަމަށެވެ.

އަދި ދަރިފުޅު ގޮވައިގެން އޮފީހަށް ވަޑައިގަންނަވަން ޖެހުނީ އިތުރު ގޮތެއް ނެތިގެންކަމަށް ޝަމްއާ ވިދާޅުވިނަމަވެސް، އަހަރީ ޗުއްޓީގެ 30 ދުވަސް އަދި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ އެއިން އެއްވެސް ޗުއްޓީއަކަށް އޭނާ އެދިވަޑައިގެންފައި ނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ ބަޔާނުގައިބުނީ އެކަން އެހެން އޮއްވާ އެ އިދާރާގެ އަގު ވެއްޓޭގޮތަށް މީސްމީޑިއާގައި އެކަން ހާމަކޮށް އަދި ނޫސްތަކަށް ވެސް އެ މައުލޫމާތު އެގޮތަށް ދިނުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެކަމާ ހިތާމަ ކުރާކަމަށާއި ނޫސްތަކުންވެސް އެކަމުގެ ހަގީގަތް ނުބަލާ ތަނުގެ އިތުބާރު ގެއްލޭގޮތަށް ހަބަރު ފަތުރާފައިވާތީ އެކަމާވެސް ހިތާމަކުރާ ކަމަށް ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު