ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލްތަކުގެ ފެންވަރު ދަށް ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެެވެ.

މިއުވާން މިހެން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތަކުގެ ފެންވަރު ދަށްކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތަކުގެ ފެންވަރު ދަށްނުވާނެ ކަމަށާއި، އެބިލްތަށް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަނީ މީގެ ކުރިން ވެސް އެކަން ކުރި ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ފަރާތުން ބިލްތަށް ޑްރާފްޓް ކުރަނީ ކަމާ ގުޅުންހުރި މުވައްސަސާތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. މިއުވާން ވިދާޅުވީ ބިލްތަށް މަޖިލީހަށް ފޮނުވަނީ ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުގައި ބިލްތަކަށް ބައެެއް ބަދަލުތައް ގެންނަ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަ ކުރުމަށްފަހު މީގެ ކުރީގައި ވެސް ދައުލަތުގެ އެފަދަ ބިލްތައް ފަރުމާ ކުރަށްވާ ބޭފުޅުން އެކަން އެ ކުރަށްވަނީ، އެހެންވީމަ އަޅުގަނޑަަކަށް ހިއެއް ނުވޭ ފެންވަރު ދަށްވާނެ ހެނެެއް، ހަމަ ފެންވަރު ރަނގަޅު ބިލްތައް ހުންނާނީ،" މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު