ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަންކުރަން ގޮވާލާ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބާއްވާ ބޮޑު ހިނގާލުން މާލޭގައި ފަށައިފިއެވެ.

މިއަދު ހަވީރު މި ހިނގާލުން ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުންގެ އިތުރުން ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ.

މި ހިނގާލުމުގައި ބައިވެރިންދަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށާއި އެމަނިކުފާނު ދޫކޮށްލަން ގޮވަމުންނެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ހިނގާލުން މިއަދުގެ ހަވީރު 6 ޖަހަންދެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އިދިކޮޅުން ހިނގާލުމެއް އިންތިޒާމު ކޮށްފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން އެ ކޯލިޝަނުން އިއްޔެ ފެށި ހޯޕް ކޮންފަރެންސްގެ ތެރޭގައި ހިމެނޭ ހަރަކާތެއްގެ ގޮތުގައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތާއި މަނީލޯންޑަރ ކުރުމުގެ ކުށުގައި ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު