މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ތައާރަފްކޮށްފައިވާ ޑިޖިޓަލް ލައިސަންސް އަންނަ އާދީއްތަދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް އެމިނިސްޓްރީން ބުނެފިއެވެ.



މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރެވުނު ސޮފްޓްވެއަރގެ ބައިތަކުގެތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް 5 ފެބްރުވަރީ 2023 އިން ފެށިގެން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

5 ފެބްރުވަރީ 2023 އިން ފެށިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ އެޕްލިކޭޝަނުން ފެންނަ އެ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބައްލައިގަނެ އެޕްލިކޭޝަންއިން ފެންނަ ލައިސަންސަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. މިހިދުމަތް ހުއްޓާލެވުނީ މި މިނިސްޓްރީގެ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާއި ބެހޭ ޚިދުމަތް ރޯލްއަޓް ކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށެވެ.

އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ. އަދި، ލައިސަންސް ދޫކުރެވޭނީވެސް ޑިޖިޓަލް ކޮށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެއެވެ.

މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންގ އަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެއެވެ. ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށް ދެވޭނެއެވެ.

މިނިސްޓަރ އައިޝަތު ނަހުލާ ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއްދެއްވައިގެން ކުރިއަށްގެންދާ މިމުހިއްމު ޑިޖިޓަލް ކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ ވަރަށް މަދު މުވައްޒަފުންކޮޅަކާއިއެކު މިނިސްޓްރީގެ ޓީމުން ކޮށްފައިވާ ވަރަށް މުހިއްމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަރައްޔިތންނަށާއި ތަންފީޒީ އިދާރާ ތަކަށްވެސް ލުއިފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިއުގައި ނުޖެހި ހިދުމަތް ފޯރުކޮށްދިނުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު