މިއަދު ފެނިގެން މިދަނީ އަދުލުވެރިވެވެން އޮތްތާނގައި ވެސް ރައްޔިތުންނަށް އަނިޔާވެރިވާތަން ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކާމިޔާބު ކުރުމަށްޓަކައި އެ ކޯލިޝަންގެ މަސައްކަތްތައް ރުކުރުވާލުމުގެ މަގުސަދުގައި މިހާރު ފަށާފައިވާ "ހޯޕް ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު މިއަދު ވިދާޅުވީ، މިއަދު ފެނިގެންދަނީ ގައުމުގެ ރައުސުލްމާލު ވެރިންނާއި ހަވާލު ކުރުމުން އޭގެ ބޮޑުބައެއް ނަހަމަ ގޮތުގައި ގާތް ރަހުމަތްތެރިންނަށް ބަހާލައި އެ ގެއްލިގެން ދާތަން ކަމަށެވެ.

ނަމަވެސް، ވެރިކަމުގައި ތިބޭ މީހުންނަކީ އެ ހަވާލުކުރެވޭ ރައުސުލްމާލާއިމެދު އިހުލާސްތެރިކަމާއެކު ޒިންމާވާންޖެހޭ ބައެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

"ހަމައެކަނި ހަވާލު ކުރެވެނީ ފައިސާއެއްވެސް ނޫން. އަޅުގަނޑުމެންގެ ތަރިކަވެސްމެ، އަޅުގަނޑުމެންގެ އާދަކާދަވެސްމެ، އަޅުގަނޑުމެންގެ ދީންވެސްމެ. އެއަށް ހުރުމަތްތެރިކޮށް ނުހިތޭބަޔަކު އެއީ ހެޔޮ ވެރިކަންކުރާ ބައެއް ނޫން،" ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ހެޔޮ ވެރިކަމެއްގެ އެންމެ މުހިންމު އެއް ސިފައަކީ އަދުލުވެރިވުން ކަމަށާއި ނަމަވެސް، މިއަދު މި ފެންނަނީ އަދުލުވެރިވެވެން އޮތްއިރުވެސް އަނިޔާވެރިވާތަން ކަމަށެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، އިހުލާސްތެރިވުމަކީ ވެސް ހެޔޮވެރިކަމެއްގެ އަނެއް ސިފަކަމަށްވާއިރު ވެރިން ރައްޔިތުންނަށް އިހުލާސްތެރި ވާންވާނެ ކަމަށާއި ރައްޔިތުންނަށް އިހުލާސްތެރިވުމަކީ އެންމެ ފުރަތަމަ ދިވެހީން އިސްކުރުން ކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ދިވެހީންނަށް ކުރެވެން އޮތް މަސައްކަތްތައްވެސް ބޭރު މީހުންނާ ހަވާލުކޮށްގެން ކުރާތަންކަމަށް ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި ވަނީ، ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މި ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާކަމަށް ވިދާޅުވެ އެއީ ހުތުރު އަމަލެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު