މީހުންނާއި ޒާތީވެ ހަޑިހުތުރުބަސް ބުނުމަކީ ލީޑަރުން ކުރާފަދަ ކަންކަން ނޫންކަމަށް އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާއި ބެހޭގޮތުން ނަސީމް ގެންދަވަނީ ދޭތެރެއަކުން އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ.

އެގޮތުން، މިހާރު ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަމާއި ގުޅުވައި މިއަދު ނަސީމް ވިދާޅުވީ، މީހުނާ ޒާތީވުމާއި ހަޑިހުތުރު ވިޔާނުދާ ބަސްތައް ބުނުމާއި، ހާމަޔަށް ފެންނަންހުންނަ ހަގީގަތް އޮޅުވާލުމާއި ހެޔޮއެދޭމީހުންގެ ނާޖާއިޒުފައިދާ ނެގުމަކީ ލީޑަރުން ކުރާ ކަންކަން ނޫންކަމަށެވެ. އަދި އެއީ "ގީދަޅުން" ކުރާ ކަންކަން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



ނަސީމް މިހެން ވިދާޅުވީ ސިޔާސީ ދާއިރާގައި އުޅުއްވާ ކޮންބޭފުޅަކަށް އަމާޒު ކުރައްވާފައި ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަމުންދާ މަންޒަރުތަކުގެ ތެރެއިން، ބައެއް ދީނީ އިލްމުވެރިން އާންމު މިންވަރަށްވުރެ ބޮޑަށް ވަކި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް މަސައްކަތް ކުރުމާއި، އެމްޑީޕީގެ ތެރޭގައި މިފަހުން ބޭއްވި ޕްރައިމަރީގެ ވޯޓުން ބަލިވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ޕާޓީ ތެރޭ އަމިއްލަ ފެކްޝަނެއް ހައްދަވަން ކުރައްވާ މަސައްކަތްޕުޅުތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ނަސީމްގެ ވާހަކަތައް ގުޅެއެވެ.



ކިޔުންތެރިންގެ ހިޔާލު