ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ އެމްޑީޕީ މެންބަރަކު ޕާޓީގެ މެންބަރުކަމުން ވަކިކޮށްގެން ނުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް މުޙައްމަދު ނަޝީދަށް ކާމިޔާބު ކުރެވޭގޮތް ނުވުމުން އެމަނިކުފާނު މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ފެކްޝަނެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އެމަނިކުފާނަށް އަމާޒުވަމުން ނެވެ.

އެގޮތުން އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިއްޔެ ވަނީ، އެމްޑީޕީގެ ރައީސަކަށް ހުރެގެން ޕާޓީގެ މެމްބަރުންތަކެއްގެ ބޮލަށް އެރިގެން ކުރިންވެސް އޮތީ މުޅި އުމުރަށް މުސާރަ ލިބޭނެ މަގާމެއް ނަޝީދު ހޯއްދަވާފައި ކަމަށާއި މިހާރު ނަޝީދުގެ ބޭނުމަކީ މަޖިލިސްގެ ރައީސްކަމުން "ބާލައިފާނެތީ" އެމަނިކުފާނުގެ ފަހަތްޕުޅުގައި ޕާޓީގެ މެންބަރުން ތިބިކަން އަންގަން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ނަޝީދު ޕާޓީން ވަކިކުރުމަށް ރައީސް ޞާލިޙަށް މޫސަ ވަނީ ގޮވާލައްވައިފައެވެ.

މޫސަގެ މި ވާހަކައާއި ގުޅިގެން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓީން ވަކިކުރެވިގެން ނުވާނެކަމަށެވެ.



އަކްރަމްގެ އެ ވާހަކައަށް މޫސަ ވަނީ ޓްވިޓާގައި ރައްދު ދެއްވާފައެވެ. މޫސަ ވިދާޅުވީ، އަކްރަމް އެ ވިދާޅުވާ ވާހަކަ ޕާޓީގެ އަސާސީ ގަވާއިދުގައި ނޯންނާނެކަމަށެވެ. އަދި އެމްޑީޕީގެ މެންބަރަކު މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުއްޓާވެސް ޕާޓީން ވަކިކުރި ކަމަށް ރީކޯ ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު