މަގުމަތީގައި ކޮނެގެން ނުވަތަ ޖަންކްޝަން ނަގައިގެން ކުރާ މަސައްކަތްތަކުން ފައިސާ ނަގާނީ ކުންފުނިތަކުން އެކަނިކަމަށާއި އާއްމު ގޭގޭގެ މަސައްކަތްތަކަށް އަގެއް ނުނަގާނެކަމަށް މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މަގުމަތީގައި ކޮނެގެން ނުވަތަ ޖަންކްޝަން ނަގައިގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ ބޮޑުކުރަން ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ބައެއް ކުންފުނިތަކުން ވަނީ ވަރަށް ބޮޑަށް ސިޓީ ކައުންސިލަށް ފާޑު ކިޔާފައެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތްތަކުންކަމަށެވެ. އަދި ޢާއްމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގު ކޮނުމަކަށް އަގެއް ނުނަގާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.



މަގު ކޮނުމާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލަކީ ބާތިލް އުސޫލެއްކަމަށާއި، އެ މައްސަލައިގައި ކޯޓަށް ދާނެކަމަށް ސަރުކާރު ކުންފުންޏެއްކަމަށްވާ ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެންމެފަހުން ގެޒެޓްކުރި މަގު ކޮނުމާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން މަސައްކަތްކުރުމާއި ގުޅޭ އުސޫލުގެ ސަބަބުން ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް މާލީ ބުރަތަކެއް އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު