އަހުމަދު މަސްނޫމް   2 ފެބްރުއަރީ 2023 - 10:22
ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ވިލިމާލޭގައި ދޭ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ފެށީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް އެ ހިދުމަތް ދިނީ އެއްވެސް އަގެއް ނުނަގައެވެ.

އެމްޓީސީސީން ބުނީ މާދަމާއިން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ވިލިމާލޭގައި ދޭ ބަހުގެ ހިދުމަތުން އަގު ނަގާނެކަމަށެވެ.

އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެކަމަށާއި، އަދި އަގެއްގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ 5 ރުފިޔާކަމަށެވެ.

އާރް.ޓީ.އެލް. ވިލިމާލޭ ބަހުގެ ޚިދުމަތަށް 3 ޒަރީޢާއަކުން ފައިސާދެއްކޭނެއެވެ. އެއީ އާރްޓީއެލް މޮބައިލް އެޕް ނުވަތަ ކިޔު.އާރް ޓިކެޓް ނަންގަވައިގެނާއި، ކޮންކްޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ޑެބިޓް ކާރޑް ނުވަތަ ކްރެޑިޓް ކާރޑް މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ގަނެގެނެވެ.

އެމްޓީސީސީ ބުނީ ކަރުދާން ޓިކެޓް ލިބޭނީ ބަހުންކަމަށާއި ޓަރމިނަލްތަކުން ބަހުގެ ޙިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ނުލިބޭނެކަމަށެވެ. އަދި ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ އަގު ހަހަމަވާނެހެން ފައިސާ ގެންނެވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ޓްރައިއަލް މުއްދަތަށްފަހު، ޓިކެޓް ނަންގަވައިގެން ދަތުރުކުރަން ފެށުނަސ،ް މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއ،ި 3 އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ހިލޭ ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު