ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ މިނިވަންކަމުގެ ތަސައްވުރު މުޅިން ނެތިކޮށްލި އަމުރެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަނިކޮށް، އެ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުންވަނީ 1 ފެބްރުއަރީ 2018 ވަނަ ދުވަހު އަމުރެއް ނެރެފައެވެ. އެ އަމުރާއި ގުޅިގެން ރާއްޖެ ހަލަބޮލިވެފައިވަނިކޮށް ޔާމީން ނިންމެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކޯޓުގެ އެ ކުއްލި ނިންމުން ތަހުގީގު ކުރުމަށެވެ. އަދި އެ މައްސަލާގައި ސުޕްރީމް ކޯޓުން އެ އަމުރު ނެރުނު ފަނޑިޔާރުން ރިޝްވަތު ނެގިކަމުގެ ދައުވާކޮށް ހުކުމްކޮށް ޖަލަށްވެސް ލިއެވެ.

އެ ދުވަހުގެ އެ ހުކުމަށް 5 އަހަރުވުމާއި ގުޅުވައި މުއިއްޒު މިއަދު ވިދާޅުވީ، 1 ފެބްރުއަރީ 2018 ގެ ރޭ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ކޯޓު އަމުރަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ މިނިވަން ގުނަވަނެއް ކަމުގެ ތަސައްވުރު މުޅީން ނެތިކޮށްލި އަމުރެއްކަމަށެވެ.

އަދި މިއީ އެ އަމުރަށް 5 އަހަރު ފުރުނު ދުވަސްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.



މުއިއްޒު މިފަދައިން ވިދާޅުވިއިރު އޭރު ސަރުކާރުގައި ތިބި މިހާރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ ސަރުކާރު ވައްޓާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހިންގި ބޮޑު ޖަރީމާއެއްކަމަށާއި އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ބަޣާވާތް ކަމަށެވެ.

މި ކަމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ ސަރުކާރުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ޝަރީއަތް ހިންގި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ޔާމިންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު