އިބްރާހިމް ފަހީމް   1 ފެބްރުއަރީ 2023 - 19:42
އއ. ތޮއްޑޫ ކައުންސިލުން އެ ރަށުން ދޫކުރަން ނިންމާފައިވާ 100 ގޯތި ދޫކުރުން މަޑުޖައްސާލަން އެރަށު މެޖިސްޓްރޭޓް ކޯޓުން ކައުންސިލްގެ މައްޗަށް އަމުރުކޮށްފިއެވެ.

ބިންބޮޑު ތޮއްޑޫއަކީ ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ރަށެކެވެ. އެގޮތުން، އެންމެ ފަހުން އެ ރަށުން ގޯތި ދޫކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި އޭގެފަހުން 2020 ވަނަ އަހަރު ވެސް ގޯތިތަކެއް ދޫކުރަން ކައުންސިލުން އިއުލާނު ކުރިނަމަވެސް، ފެންމަތިވި މައްސަލަތަކަކާއި ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

އޭގެފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ރަށުން 100 ގޯތި ދޫކުރަން ވަނީ އިއުލާނު ކޮށްފައެވެ. މިފަހަރު ދޫކުރަން ނިންމި 3000 އަކަފޫޓުގެ އެ ގޯތިތަކަށް ގިނަބަޔަކު ކުރިމަތިލާފައިވާއިރު ކޯޓުން ކައުންސިލްގެ މައްޗަށް އަމުރެއް ނެރުނީ، އޭގެ ތެރެއިން ގޯއްޗަށް އެދުނު ބަޔަކު ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެނެވެ.

އެ މީހުން ބުނެފައިވަނީ، ގޯތި ދޫކުރުމުގެ އުސޫލު ތައްޔާރު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި އަދި ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ދީފައިވަނީ ވެސް ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހަޅަމުން އެމީހުން އެދިފައިވަނީ، މައްސަލައަށް ގޮތެއް ނިމެންދެން ތޮއްޑޫން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓުވައިދިނުމަށެވެ.

ތޮއްޑޫ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ކައުންސިލުން ގޯތި ދޫކުރާ ފަހުން މި މައްސަލަ ދައުވާ ކުރާ ހަތަރު މީހުންނާ އެއްކޮޅަށް ނިމިއްޖެނަމަ އެމީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށާއި މިއީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހައްގަކަށް އުނިކަމެއް އައިސްގެން ބަޔަކު ކުރާ ދައުވާއެއް ކަމުން ގޯތި ދޫކުރަން މަޑުޖައްސާލަން އަމުރު ކުރާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު