މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ރައީސް އޮފީހުން އިތުރު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ މިމަހުގެ 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު 8 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 ފެބުރުވަރީ 7 އަދި 8 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ވެސް އެ އޮފީހުންވަނީ ބުނެފައެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމް ހުސްވީ އެކޮމިޝަންގެ ނާއިބުރައީސް އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަހުމަދު ގައިސް ބްރޯޑްކޮމްގެ ނާއިބް ރަައީސް ކަމަށް އައްޔަން ކުރަށްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު 05 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު