ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އިދާރާގެ އޮފީސް ހިންގާ އިމާރާތުން ކަރަންޓް ކަނޑާލި މައްސަލާގައި މަޝްވަރާތަކެއް ކުރެވި އެކަމަށް ހައްލެއް ހޯދިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، އެފްއޭއެމާއި ޔޫތު މިނިސްޓްރީއާއެކު ވަނީ މިކަމުގައި މަޝްވަރާތަކެއް ކުރެވިފައި ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ތެރެއިން، އެފްއޭއެމުން ކަރަންޓް ބިލްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް ވިދާޅުވެފައިވާތީ ކަރަންޓް ކަނޑާލި ތަންތަނަށް މިހާރު ކަރަންޓް ދީފައިވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފައިސާ ދެއްކުމުގެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

"އެފްއޭއެމްގެ މައްސަލަ ހައްލުވެއްޖެ، އިނގޭތޯ، ސަބަބަކީ އެފްއޭއެމާ އެކީގައި ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވިއްޖެ، އަދި އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް އަޅުގަނޑުމެން ކައިރީގައި ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައި،" ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެފްއޭއެމުން ކަރަންޓް ކަނޑާލާފައެވެ. އޭރު ސްޓެލްކޯއިން ބުނީ އެފްއޭއެމުން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްވެސް ދިންކަމަށެވެ. ނަމަވެސް އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިކަމަށާއި އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާކަމަށް ސްޓެލްކޯއިން އޭރުވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު