ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް އޭސީސީއާއި އިމިގްރޭޝަނުން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައަޅާ، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ މުއައްސަސާގެ ދެމެދު ގާއިމްކުރެވުނު ފަހުމުނާމާއެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިނެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެގޮތުން މޯލްޑިވްސް އިމިގްރޭޝަނުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން ވަނީ ނަޒާހަތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ނަޒާހަތްތެރިކަން މީހެއްގެ ގައިގާ ނެތިއްޖެނަމަ، އޭނާ ކިތަންމެ މޮޅަށް ކިޔަވާފައި ހުއްޓަސް އެއީ މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފަހުމުނާމާއެއްގެ މުހިންމުކަން ފާހަގަކުރަށްވައި، މިއީ ދެ މުއައްސަސާގެ ގުޅުން ބަދަހިކުރުމަށް ގެތުނު އިތުރު ބޮޅެއްކަމާއި ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުރިހާ އެންމެން ގުޅިގެން ހާސިލްނުވާނެ ކަމެއް ނޯންނާނެކަމަށާއި އިމިގްރޭޝަނުން ކޮރަޕްޝަން ފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު