އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2023 - 14:2
ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް އިންޑިއާގެ ކޮޗިންއިން ގެއްލުނު ދިވެހި މީހާ އަދިވެސް ނުފެންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ 35 އަހަރުގެ ޒުވާނެއް ކަމަށްވާ މުހައްމަދު މަހުދީއެވެ. އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ގެއްލުނު މީހާގެ އާއިލާއިން ބުނީ، އެސަރަަހއްދުގެ ބައެއް ސީސީޓީވީ ފުޓޭޖު ހޯދައިގެން އޭނާ ފެނޭތޯ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އަމްރީތާ ހޮސްޕިޓަލު ސަރަހައްދާއި، އެ ސަރަހައްދުގެ ރެއިލްވޭ ސްޓޭޝަނެއް ކައިރީގައި އޭނާ އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް ބުންޏެވެ.

އާއިލާއިން ވަނީ، އިންޑިއާގެ ފުލުހުންނާއި ފޮރިން މިނިސްޓްރީގެ އެހީއަށްވެސް އެދިފައެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި މައްސަލަ ހުށައެޅުމާއެކު، އިންޑިއާގެ ދިއްލީ ޕޮލިހާއި ގުޅިގެން އެމީހާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

އާއިލާއިން ބުނީ، މަހުދީ އިންޑިއާއަށް ދިޔައީ އޭނާގެ ހުންނަ ސިއްހީ މައްސަލައާއި ގުޅިގެން އިތުރުފަރުވާއަށް އިންޑިއާއަށް ދިއުމަށް ރާއްޖޭގެ ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އޭނާއަކީ އޭނާގެ ހުންނަ ބަލީގެ ސަބަބުން "ވައިލެންޓް" ކޮށް އުޅޭ މީހެއްކަމަށާއި އެފަދަ ކަމެއް ޑޮކްޓަރަށް ދެއްކުމުގެ ތެރޭގައި ވެސް ހިނގި ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާގާތަށް ރުޅި އައިސްގެން ހޮސްޕިޓަލުން ނުކުމެގެން ދިޔަ ކަމަށާއި އޭގެފަހުން އޭނާ ހޯދާ ނުފެނިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މަހުދީއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180, ނުވަތަ 7971667 ނަންބަރާއި ގުޅުމަށް އޭނާގެ އާއިލާއިން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު