އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2023 - 13:54
ގައުމީ އެއަރލައިނުން ހަނިމާދޫއަށް ރޭގަނޑު ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

ގައުމީ އެއަރލައިނުން ބުނީ ހަނިމާދޫއަށް ރޭގަނޑު ކުރާ ދަތުރުތައް މެދުކަނޑާލަނީ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރޭގަނޑު ދަތުރުތައް މެދުކަނޑާލަން ނިންމީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީއެވެ. މިގެންނަ ބަދަލާއެކު ހަނިމާދޫއިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެެވެ.

ސަރުކާރުން ލަފާކުރާގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި އެކު، ފުރަތަމަ އަހަރުތެރޭ އެއެއަރޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެއެވެ.

މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު