މަގު ކޮނުމާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލަކީ ބާތިލް އުސޫލެއްކަމަށާއި، އެ މައްސަލައިގައި ކޯޓަށް ދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެންމެފަހުން ގެޒެޓްކުރި މަގު ކޮނުމާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން މަސައްކަތްކުރުމާއި ގުޅޭ އުސޫލުގެ ސަބަބުން ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް މާލީ ބުރަތަކެއް އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއުސޫލުގެ ސަބަބުން ކުރިން ނަގަމުންއައި ފީތައް ދެ ގުނަ ބޮޑުވެ، ބައެއް އައު ފީތައްވެސް ތައާރަފްކޮށްފައިވާކަމަށެވެ.

"އުސޫލަށް ގެނައި ބަދަލުގެ ސަބަބުން މަގުމަތީގައި ކަރަންޓް ބޯޑަށް ކުރިން ދައްކަމުންއައި 60 ރުފީޔާ 200 ރުފިޔާއަށް ބޮޑުވެފައި، މަގު ބަންދުކުރާ ބޯޑުގެ އަގު 150 ރުފިޔާއިން 300 ރުފިޔާއަށް ބޮޑުވޭ. ޕޭމަންޓް ކޮނެގެން އެއްޗެއް ވަޅުލާން ކުރިން އަގެއް ނުނަގާއިރު މިހާރު އެކަނަށް ފޫޓަކަށް 25 ރުފިޔާ ނަގަން ވަނީ ނިންމާފައި. މަގު ކޮންނައިރު ނަގާ ކޮންމެ ގަލަކަށް 100 ރުފިޔާ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއުސޫލުގެ ސަބަބުން އަގުތައް 154 އިންސައްތަ ބޮޑުވެފަައިވާކަމަށެވެ. އަދި ކުރިން 31000 ރުފިޔާ ދައްކަންޖެހޭ ކަންކަމަށް މިހާރު 80500 ރުފިޔާ ދައްކަންޖެހޭ ކަންވެސް ޝަރީފް ފާހަގަކުރެއްވިއެެވެ.

ޝަރީފް ވިދާޅުވީ މިފަދަ އުސޫލެއް ހަދާއިރު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަންޖެހޭއިރު އެފަދަ އެއްވެސް މަޝްވަރާއެއް، އެއްވެސް ބަޔަކާއެކު ކޮށްފައިނުވާކަމަށެވެ. އަދި މަޝްވަރާކުރަން ފޮނުވި ސިޓީތަކަށް ސިޓީ ކައުންސިލުން ޖަވާބު ނުދެއްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް އެކުލަވާލާފައިވާ އުސޫލެއްކަމަށެވެ. އަދި މި އުސޫލު ބާތިލުކުރަން ކޯޓަށް ދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިއީ ބާތިލް އުސޫލެއް، މިއަަށް އަމަލުކުރާކަށް ނުޖެހޭ. ގާނޫނުގައި އޮންނަ ގޮތުން މިފަދަ އުސޫލެއް ހެދޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަޝްވަރާކޮށްފައި. ނަމަވެސް އެލްޖީއޭއާވެސް މަޝްވަރާކޮށްފައެއް ނެތްކަމަށް މައުލޫމާތު ލިބިފައިވޭ. އަޅުގަނޑުމެން ކޯޓަށް ދާނަން. ރައްޔިތުން އުފުލަންޖެހޭ ބުރަ ލުއި ކުރަން އުސޫލު ބާތިލުކުރަން ކޯޓަށް ދާން ނިންމާފައި އޮތީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ މިކަހަލަ އުސޫލުތައް ހެއްދެވުމުގައި ރައްޔިތުންނަށް އެއްވެސް ކަހަލަ މާލީ ބުރައެއް އުފުލަންޖެހޭނަމަ އެކަން ކުރަން އެކަށީގެންވާ މުއްދަތެއް ދިނުމަށް ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން، ކުރިއަރާފައިވާ މުޖްތަމައުަތަކުގައި މިފަދަ ކަންކަން ކުރާ ގޮތަށް އަމަލުކުރެއްވުމަށްވެސް ޝަރީފް ވަނީ ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު