އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2023 - 11:1
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ސަރުކާރުގެ ޝިޕިންގެ ކުންފުނީގެ ފުރަތަމަ ކާގޯ ބޯޓް އެމްއެސްއެސް ގަލޭނާއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްއެސްއެސް ގަލޭނާއަކީ ރައީސް ސާލިހުގެ ސަރުކާރުން އުފެއްދި ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ އަމިއްލަ ބޯޓެވެ. އެކުންފުނިން މި ބޯޓް ގަނެ، ބޭނުންކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ.

ގަވާއިދުން މުދާ ގެންނަ އެމްއެސްއެސް ގަލޭނާ ރާއްޖެއިން ބޭރުން މުދާ ބަރުކޮށްގެން އިއްޔެ ވަނީ މާލެއަށް ބަނދަރުކޮށްފައެވެ.

އެމްއެސްއެސް ގަލޭނާ މުދާ ހިފައިގެން މާލެ އައިސްފައިވާއިރު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވަނީ މިއަދު އެ ބޯޓަށް ޒިޔާރަތްކުރައްވާފައެވެ.

މިނިސްޓަރުގެ މި ޒިޔާރަތުގައި އެ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހިތްވަރުދެއްވާފައެވެ.



މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ބުނީ މިއީ ދައުލަތުގެ ވަޒީރަކު ވަޑައިގެން މަސައްކަތް ފާހަގަކުރައްވާ، ހިތްވަރު ދެއްވި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިނިސްޓަރު ވަޑައިގެންނެވުމަކީ ލިބުނު ފަހުރެއްގެ ގޮތުގައި އެމްއެސްއެސްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.



ކިޔުންތެރިންގެ ހިޔާލު