ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަކީ ރައްޔިތުންގެ ހިތްތަކުގައި ކުލަ ޖެއްސޭނެވަރުގެ ލީޑަރެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި ޕާޓީޕާޓީ ބައިބައިވެގެންދާފަދަ ގޮތަަޖަށް ޕްރައިމަރީން ބަލިވި ރައީސް ނަޝީދު މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ ރައީސް ސާލީހަކީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖެއްސޭނެވަރުގެ ވިސްނުންތެރި، ބުއްދިވެރި ލީޑަރެއްކަމަށެވެ. އަދި އެމަނިކުފާނު ކޮށްދެއްވަމުން އެގެންދަވަނީ ހެޔޮ ވެރިކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ގައުމުގެ ސުލްހަ މަސްލަހަތަށް އިސްކަން ދެއްވާ، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ. އިގުތިސާދު ކުރިއަރުވަން ގަދަ އަޅާ މަސައްކަތް ކުރައްވާ." ރައީސް ސާލިހުއަށް ތައުރީފްކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވަނީ ރައީސް ނަޝީދުގެ ނަންފުޅު ރިޔާސީ އިންތިހާބުގައި އޮންނާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ސަޕޯޓަރުން އެހެން އެ ވިދާޅުވަނީ އަމިއްލަ ގޮތުން ނޫނީ އެހެން ޕާޓީއެއްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްކަމަށް ވެދާނެކަމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެެއް އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން ބުނާގޮތުން ރައީސް ނަޝީދު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީން ވަކިނުވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު