ފާއިތުވި 5 އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން މިކަން ހާމަކުރީ ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، އެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނުގެ ރައީސް ޢަލްއުސްތާޛް އާދަމް ޝާމިލެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެބޯޑުގެ ރައީސް އާސިމް މުޙައްމަދު އެވެ.

މިފަހުމުނާމާގެ ދަށުން އޭސީސީއާ ޕީސީބީއަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތަށް ކަނޑައެޅުމަށާއި، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށައެޅޭ މައްސަލަތަކުގެ ތަޙުޤީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމުގައި މި ފަހުމުނާމާގެ ދަށުން އެހީތެރިވެދީ އެފަދަ މަޢުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތްކަނޑައަޅާނެއެވެ. އަދި އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ، ފާއިތުވި 5 އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށެވެ. ހަމައެއާއެކު، އޭސީސީގެ ތަޙުޤީޤުތަކަށްފަހު، 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާކަމަށެވެ.

މި ފަހުމުނާމާގެ ސަބަބުން އޭސީސީގެ ތަޙުޤީޤުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާ، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްޞާކުރުމަށް ދެ މުއައްސަސާއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މެންބަރު ޠާހާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޕީސީބީގެ ރައީސް އާސިމް މުޙައްދު ދެއްކެވި ވާހަކަފުޅުގައި ދެ މުއައްސަސާގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ނުހަނު މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ ވީހާވެސް އަވަހަށް ފަށަންޖެހޭކަމުގައިވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ޕީސީބީގެ މެންބަރުންނާއި އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު