ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުން އެމަނިކުފާނު ސަލާމަތްވެ މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ޔާމީން މިނިވަންވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތްކަމަށް އިސް ވަކީލު މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޖަލުހުކުމް އިސްތިއުނާފު ކުރުމުގެ ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ޔާމީންގެ މައްޗަށް ކުރިން ހުކުމްކުރި ވޮޑަމުލާގެ މައްސަލައެކޭ އެއްގޮތަށް މި މައްސަލައިގައި ވެސް ފަނޑިޔާރުންގެ އަމިއްލަ އުފެއްދުންތަކެއް ހިމެނިފައިވާކަމަށެވެ. އެގޮތުން ފަނޑިޔާރުގެ ހުކުމުގެ ރިޕޯޓުގައި، ހެކީން ދައްކާފައި ނުވާ ވާހަކަތަކާއި ލިޔެކިޔުމުގައި ވެސް ނެތް ބައެއް ވާހަކަތައް ހިމެނިފައިވާކަމަށް ޖަމީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގައި ހުންނަ އިބާރާތަށް އެއްވެސް ބަދަލެއް ނުގެނެސް، ފަނޑިޔާރުގެ ރިޕޯޓުގައި ހިމެނިފައި އެބަހުރިކަމަށް ޖަމީލް ވިދާޅުވިއެވެ.

"މަގުމަތީގައި ޝަމީމް ބޭނުންކުރި ހުރިހާބަހެއް އިއްތިފާގުން ހުރީ ހަމަ ލަފުޒުން ލަފުޒަށް." ޖަމީލް ވިދާޅުވިއެވެ.

އެހެންކަމުން، މި މައްސަލަ އިސްތިއުނާފު ކޮށްގެން ޔާމީންގެ ކޮޅަށް ނިމޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އިސްތިއުނާފީ މަރުހަލާއަކީ ޓްރަޔަލް ކޯޓުގެ މަރުހަލާ ތަކާއި ތަފާތު މަރުހަލާ ތަކެއް ކަމަށާއި މައްސަލައާއި ގުޅިގެން ހެކި ހުށަހަޅައި ހެއްކަށް ޖަވާބުދިނުން ފަދަ ގިނަ ވަގުތު ނަގާ ކަންކަން ޓްރަޔަލް ކޯޓުގެ މަރުހަލާގައި ކުރިއަށްދިޔަ ނަމަވެސް، އިސްތިއުނާފީ ކޯޓުގައި ކުރިއަށްދާ މައްސަލަތައް މާ ދިގުލައިގެން ނުދާނެ ކަމަށެވެ. އެގޮތުން، އިސްތިއުނާފީ މަރުހަލާ 2 ނުވަތަ 3 އަށް ވުރެ ގިނަ އަޑުއެހުމަށްވުރެ ދިގު ނުވާކަމަށާއި އެހެންކަމުން އުންމީދު ކުރަނީ މާރޗް ހިސާބުގައި ރައީސް ޔާމީން މިނިވަންވާނެކަމަށް ކަމުގައި ޖަމީލް ވިދާޅުވިއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަށްވާނީ ރައީސް ޔާމީންކަމަށް ތަކުރާރުކޮށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާތީ ޤާނޫނީގޮތުން ޔާމީނަށް އިންތިހާބުގައި ވާދަކުރެވެން އަންނަނީ އެ ހުކުމުން ބަރީއަވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު