ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި ދުވަހު އެކަމުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝެއިޚް ފަޟުލޫން މުޙައްމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މާދަމާ 9:00 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި އަޑުއެހުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރު މިއަދުވަނީ ޝެއިޚް ފަޟުލޫނާ ހަވާލު ކޮށްފައެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭހެން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި ބޭރު ގައުމުތަކުގެ ސަފީރުންނަށާއި ޑިޕްލޮމެޓުންނަށާއި އާންމުންނަށް ހަމަލާދީފައެވެ. އަދި އެމީހުންވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.



އެ މައްސަލައިގައި ގިނަބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި ފަޟުލޫންގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވެސް ހިމެނެއެވެ. އެ ދެބޭފުޅުން ފުލުހުންގެ ހައްޔަރުގައިވެސް އެތައް ދުވަހެއް ވަންދެން ބޭތިއްބިއެވެ. ނަމަވެސް، މިވަގުތު ތިއްބެވީ ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު