އެމްޑީޕީ ކުރިއަށް އެބަ ދާކަމަށާއި އެހެންކަމަށްވާއިރު މަރުވެގެން އުޅެނީ ކޮން ފިކުރެއްތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ "ފިކުރެއްގެ ދިރުން" އެވެ. މުޅި ކެމްޕޭންގެ ތެރޭގައި ވެސް އެންމެ ހިނގި އެއް ޝިއާރަކީ ވެސް އެ ޝިއާރެވެ. ނަމަވެސް، ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު އެމަނިކުފާނުގެ އެ ޝިއާރަށް އަމާޒުވި ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.

އޭގެ އިތުރުން، ޕްރައިމަރީގެ ނަތީޖާ ލިބުނުތާ 24 ގަޑިއިރަށްވުރެ ވެސް ފަސްވިފަހުން ނަޝީދު ވަނީ ބަލި ގަބޫލު ކުރައްވާކަން ހާމަ ކުރައްވާފައެވެ. ނަމަވެސް، ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ގޮފިތަކެއް ހަދައިގެން މަސައްކަތް ކުރުމުގެ ވާހަކަފުޅުތަކެއް ނަޝީދު ވަނީ ދައްކަވާފައެވެ. އަދި އެކަމަށް ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވުމުން، އެކަމަށް ރައްދު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ، ފިކުރެއް ދިރުވަންޖެހޭނީ ފިކުރެއް މަރުވެގެންކަމަށެވެ. އަދި މަރުވެގެން އުޅެނީ ކާކުގެ ކޮން ފިކުރެއްތޯ، އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ، ހަމަ ޔަގީނުންވެސް އެމްޑީޕީގެ ފިކުރު މަރު ނުވާކަމަށާއި އެމްޑީޕީ ދަނީ ކުރިއަށް ކަމަށެވެ.



ޝަރީފް މިފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނޭ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ފަރާތްތަކުން ވެސް ވަނީ ރައްދު ދީފައެވެ. އޭގެ ތެރޭގައި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފާހަގަ ކުރެވެއެވެ. އެ ބޭފުޅުންވަނީ ރައީސް ނަޝީދު ގޮތް ދޫކުރައްވައި، އަދި ޕާޓީ ބައިބައި ކުރަން މަސައްކަތް ނުކުރައްވާ މެޖޯރިޓީއާއިއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު