އދ. މާފުށިވަރު ރިސޯޓު ކައިރީގައި ބޮައެއް އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ނިޔާވި ނިޝާހަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފައިބައިގެން އުޅެނިކޮށް ޢުމުރުން 18 އަހަރުގެ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޣަފޫރު ނިޔާވީ ހާލު ދެރަވެގެން ފަރުވާ ދެމުންދަނިކޮށް، ރޭ 18:54 ހާއިރުއެވެ.

ސްކައުޓެއްގެ ގޮތުގައި މަސައްކަތްކުރާ ނިޝާހް ނިޔަވުމާއި ގުޅިގެން ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއްކަމަށެވެ. ރައީސް ވިދާޅުވީ ނިޝާހަކީ ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއްކަމަށެވެ.

"އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި." ރައީސް ވިދާޅުވިއެވެ.



ނިޝާޙު އަބްދުލްޣަފޫރަކީ 18 ނޮވެމްބަރު 2018ގައި ރ. އުނގޫފާރުގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހާދިސާގައި، އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ނަމޫނާއާއި ހިތްވަރުދެއްކި ސްކައުޓެކެވެ. ސްކައުޓް އެސޯސިއޭޝަނުން ވަނީ ނިޝާހުގެ އެ މަތިވެރި ކެރުންތެރިކަމާއި، ނުގުޑާފަދަ އަޒުމުވަރުގަދަ އަމަލުގެ ސަބަބުން ސްކައުޓްސް އެސޯސިއޭޝަނުން ދޭ ގެލެންޓަރީ ރަން މެޑަލްވެސް ނިޝާޙަށް މީގެ ކުރިން ދީފައެވެ. އަދި ނިޝާޙްގެ އެ ހިތްވަރުގަދަކަން ފާހަގަކޮށް، 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމުވެސް ނިޝާހަށް ވަނީ ދެއްވާފައެވެ.

މޫދަށް އެރި އުޅެނިކޮށް ނިޝާހް މަރުވީ ކީއްވެކަމެއް ނޭނގެއެވެ. ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު