ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން ނިންމި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމުން މިހެން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންްތިޚާބުގައި ރައީސް ސޯލިހަށް ތާއިދު ނުކުރަން އެޕާޓީން ނިންމި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި އެމްއާރްއެމްގެ އެއް މުއައްސިސް ޔުމްނާ މައުމޫން މިރޭ ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް އެމްއާރްއެމުން ނިންމާފައިނުވާ ކަމަށެވެ.

އަދި ރައީސަށް ތާއީދު ނުކުރަން އެޕާޓީން ނިންމި ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެ ޕާޓީގެ އެހެން ބައެއް އިސް ބޭފުޅުން ވެސް ވަނީ އެފަދަ ނިންމުމެއް ނެތް ކަަމަށް ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރަަައިމަރީ ކާމިޔާބުކުރަށްވައި އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހް ވަނީ ކަށަވަރުކުރަށްވާފައެވެ. ރައީސް ސޯލިހް ވިދާޅުވެފަައިވަނީ އެއްބުުރުން އިންތިހާބު ނެގެން އޮތީ ކޯލިޝަނަކާއެކު ނިކުމެގެން ކަމަށާ ކޯލިޝަނެއް ހެއްދެވޭނެ ލީޑަރަކީ އެމަނިކުފާނު ކަަމަށެވެ. މިއަހަރުގެ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ރައީސް މިހާރު ވަނީ އެހެން ޕާޓީތަކުގެ ތާއިދު ހޯއްދެވުމަށް މަސައްކަތް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު