ސްނޯކްލިންނަށް ގޮސް އުޅެނިކޮށް ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު 5.30 އެހާކަންހާއިރު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް ނިޔާވީ ރ. އިނގުރައިދޫ، އުމުރުން އަށާރަ އަހަރުގެ ނިޝާހު އަބްދުލް ޣަފޫރެެވެ. މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައި މަސައްކަތްކުރަމުންދިޔަ އެ ޒުވާނާ ނިޔާވީ އެ ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން މަހިބަދޫ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ މޫދުން ނަގައިގެން 5:30 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ވިންދެއް ނެތް ކަމަށެވެ. އަދި ޒުވާނާ ގަޑިއެއްހާއިރު ވަންދެން ސީޕީއާރު ދީގެން ވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެެވެ.

ނިޝާހަކީ 2018 ވަނަ އަހަރު އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާހަށް 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ދީފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު މިރޭ 6:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އޭނާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު